މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ
ނޫމަރާއަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުމަތީ ބިތުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫ އާއި 40.2 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 255 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ކުޑަ، އާބާދީގެ ގޮތުންވެސް އެންމެ މަދުން މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ C2 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 41.3 ހެކްޓަރެވެ. ދިގުމިނުގައި 900 މީޓަރު (2970 ފޫޓް)، ފުޅާމިނުގައި 480 މީޓަރު (1584 ފޫޓް) ހުރެއެވެ. މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެކެވެ. މިކަމުގެ ސަބަބުން އަހަރުގެ ގިނަ ދުވަސްތަކުގައި ރަށުން ފުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ފެއްޓެވި ބަނދަރު ހެދުމުގެ މަސައްކަތް، 2012 އެޕްރީލްގައި ވަނީ ނިމި ރަށުކައުންސިލާ ހަވާލުކޮށްފައެވެ. މި ބަނދަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 27.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްފައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ހަދައިފައިވާ ބަނދަރެކެވެ. މިރަށް މަޝްހޫރުވެފައި ވަނީ ރަށަށްއަރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށެއްގެ ގޮތުގައެވެ.
ދަނޑުވެރިކަން
ނޫމަރާގައި އެންމެ ގިނައިން ހެދޭ ބާވަތަކީ ދިވެހިރުކެވެ. ދެން އެންމެ ގިނައިން ހައްދާ ބާވަތަކީ ފަތްކޭލެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހައްދައެވެ. ފަތްކެޔޮ ހައްދަނީ ގޯތިތެރޭގަޔާއި ޗަސްބިންތަކުގައެވެ. މީގެ އިތުރުން ހައްދާ ތަފާތު ބާވަތްތަކުގެ ތެރޭގައިން މިރުސް، އަންނާރު، ކުންނާރު، ފޭރު، އަތަ، ބަށި، ކަރާ، ކިއުކަންބާ، ޖަނބުރޯލް، ޓޮމާޓޯ، މުރަނގަތޮޅި، ފާގަ، ފަޅޯ، ބަރަބޯ، ބޮނޑިކޮޕީ، ބަނބުކެޔޮ، ކައްޓަލަ، އަލަ ފަދަ ބާވަތްތައް ހިމެނެއެވެ.
މަސްވެރިކަން
މަސްވެރިކަމަކީވެސް ޒަމާނުއްސުރެ މިރަށުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތް ކުރުމަށްތަކައި މިރަށުގައި އިންޖީނުއެޅި 08 ދޯނި ބޭނުން ކުރެއެވެ. މީގެއިތުރުން ރިޔާނެގި 16 ދޯނި މިރަށުގައި ހުންނަ އިރު 06 ބޮއްކުރާވެސް މިރަށުގައި ހުރެއެވެ. މިރަށުގެ މަސްވެރިން ތަފާތު ވައްތަރުތަކުގެ މަސްވެރިކަން ކުރެއެވެ. އޭގެ ތެރޭގައި ވަދު މަސްވެރިކަމާއި ފާނައިގެ މަސްވެރިކަމާއި ކަނދުފަތި މަސްވެރިކަން ހިމެނެއެވެ. ފަޅުގެ ދަތިކަން ބޮޑުކަމުން އޮޑިދޯނިފަހަރު ގެންގުޅޭވޭ ވަރުނުވާތީ، ކުރިން މަސްވެރިކަން އެންމެ އެދެވޭވަރަކަށް ނުކުރެވުނެވެ.
ވަޑާންކުރުން
މިރަށުގެ ވަޑިން ކިއްސަރު ވަޑާމާއި ތެދު އުއި ވަޑާން ކުރެއެވެ. މިރަށުގެ ވަޑިން ނަކީ އަތޮޅުގެ އިތުރުން ހއ، ހދ، ނ، ރ އަދި ބ އަތޮޅުގައިވެސް ކިއްސަރު ވަޑާމަށް މަޝްހޫރުވެފައިވާ ބައެކެވެ. ކުރިން ސުރެވެސް ވަޑާމުގައި ނޫމަރާ ވަޑިންގެ މަސްހޫރުކަން ހާމަވާ ތަފާތު ޅެންތަކުން އެކަން އެގެން އެބަހުއްޓެވެ. އަދި މިޒަމާނާއި ހަމައަށް ފެންނަންހުރި މަދު އޮޑިދޯނި ފަހަރުގެ ތަފާތުކަމާއި ރީތިކަން އެކަމަށް ހެކިދެއެވެ. ޒަމާނީ ބޮޑެތި ބޯޓު ފަހަރާއި , ސަފާރީ ދޯނި ފަހަރާއި , މުދާއުފުލުމަށް ހާއްސަ ދޯނި ފަހަރުވެސް ބަނުމުގައި މިރަށުގެ ވަޑިން ފާހަގަކުރެވެއެވެ.
ފަންގެ ވިނުމާއި ރޯނުވެށުން
ފަންގެ ވިނުމާއި ރޯނުވެށުމަކީ މިރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ކުރީޒަމާނުގައި ކެއުމަށް ބޭނުން ކުރާ ތަކެތި ގަނެ އުޅެނީ ރޯނާއި ފަންވިއްކައިގެންނެވެ. މީގެ އުތުރުން ރޯނު ބޮނޑީގެ ބަދަލެއްގެ ގޮތުން ކާޑުގެ ބާވަތްތައްވެސް ދެއެވެ. ސާންތި ވިޔުމަކީ އިހު ޒަމާނުގައި މިރަށުގައި އާއްމު ދަނީ ހޯދުމަށް ކުރި އެހެނަށް މިހާރު ހުއްޓިފައިވާ އެކަށީގެންވާ ރަނގަޅު އާއްމުދަނީއެއް ލިބުނު މަސައްކަތެކެވެ.
ވިޔަފާރިކުރުން
އާއްމުދަނީ އެއް ހޯދުމުގެ ގޮތުން ވިޔަފާރި ކުރުމަކީވެސް މިރަށުގައި ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތެކެވެ. މިހާރުވެސް މިރަށުގެ ނިސްބަތުން އެކަށީގެންވާ ގޮތެއްގައި ވިޔަފާރި ކުރަމުން ގެންދެއެވެ. އެގޮތުން ވިޔަފާރި ކުރުމަށްޓަކައި މިރަށުގައި މިހާރު 5 ފިހާރަ ހުލުވާފައި ހުރެއެވެ. ރެސްޓޯރެންޓެއް އަދި ނެތް ކަމުގައިވިޔަސް 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގެ ގޮތުގައި 2 (ދެ) ތަނެއްގެ ޚިދުމަތް ލިބެމުން ދެއެވެ .
ރިސޯޓް ވަޒީފާއާއި ސަރުކާރުގެ ވަޒީފާއަދާކުރުން
ރިސޯޓްގައާއި ސަރުކާރުގެ ވަޒީފާތަކުގައިވެސް މިރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސައްކަތް ކުރަމުން ގެންދެއެވެ