
ނޫމަރާ ކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް ލޯންޗްކޮށްފިއެވެ. މި ވެބްސައިޓް ލޯންޗުކުރެވިފައިވަނީ ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރުމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުމުގެ ތެރޭގައެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 2023 ޑިސެންބަރު މަހުގެ 19 ވީ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ނޫމަރާ ޕްރީ ސްކޫލް ހޯލުގައެވެ.
ކައުންސިލްގެ ވެބްސައިޓް ލޯންޗު ކުރެވިފައިވަނީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ވީހާވެސް ތާޒާކޮށް ވީހާވެސް ގިނަބަޔަކަށް ޚާއްސަކޮށް ރަށުން ބޭރުގައި އުޅުއްވާ ނޫމަރާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ.
ނޫމަރާ ކައުންސިލްގެ ރަސްމީ ވެބް ލޯންޗްކުރުމުގެ މައިގަނޑު މަޤުޞަދުތަކުގެ ގޮތުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ރާވާ މަސައްކަތްތަކާއި، އަދި ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެތާކު އުޅުއްވާ ރައްޔިތަކަށްވެސް، ފޯރުކޮށްދިނުމާއި، ކައުންސިލުންދޭ ޚިދުމަތްތަކަށް އެދުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެތާކު ހުރި ރައްޔިތަކަށްވެސް މަގުފައިކޮށްދިނުމާއި (ޚިދުމަތަށް އެދޭފޯމް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިހުރުމާއި)، ރަށުގައިން ހިންގާ މުޙިއްމު ޙަރަކާތްތަކާއި ގުޅޭ ފަހުގެ ޚަބަރުތައް ފޯރުކޮށްދިނުމާއި، އަދި ޓެކްނޮލޮޖީގެ މިޒަމާނާއި ގުޅޭގޮތަށް ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި ކައުންސިލުން ދެކޭތީއެވެ.
ނޫމަރާ ކައުންސިލްގެ ވެބްސައިޓުން މަޢުލޫމާތު ލިބިގަނެ، ވެބްސައިޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އަދި މިވެބްސައިޓަށް ޚިޔާލުހުށަހެޅުމަށް ކޮންމެ ރައްޔިތަކަށްވެސް ނޫމަރާ ކައުންސިލުން މަރުޙަބާ ކިކަމެވެ. ނޫމަރާ ކައުންސިލްގެ ރަސްމީވެބްސައިޓަށް https://www.noomaraa.gov.mv މި އެޑްރެސް މެދުވެރިކޮށް ވަދެވަޑައިގަނެވޭނެއެވެ.