ނޫމަރާ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކޮށްފި

ޤާނޫނު ނަންބަރު: 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 8 ވަނަ މާއްދާގައިވާގޮތުގެ މަތީން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން، 2023 ވަނަ އަހަރަށް އަތޮޅުގެ ރަށުކައުންސިލްގެ އިދާރާތައް މޮނިޓަރ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 2023 ޑިސެންބަރު 19 ވީ އަންގާރަ ދުވަހު ނޫމަރާ ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފިއެވެ.

މި މޮނިޓަރިންގ އަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަމުން ގެންދާގޮތާއި މިޤާނޫނުގެ ދަށުން ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައް ތަކާއި މުވައްޒަފުންގެ ރެކޯޑްތައް ބަލަހައްޓަމުން ގެންދަނީ އެކަންކަން ކުރިއަށް ގެންދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށްތޯ ބަލައި، ކައުންސިލަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ މޮނިޓަރިންގ އެކެވެ.

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ 05 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މި ޓީމުގައި އިސްކޮށް ޙަރަކާތްތެރި ވެލެއްވީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަޒީމާ ޢަލީ އެވެ.

ނޫމަރާ ކައުންސިލް އިދާރާ މޮނީޓަރ ކުރައްވަން ވަޑައިގެންނެވި އަތޮޅު ކައުންސިލްގެ ޓީމަށް ނޫމަރާއިން މަރުޙަބާ ދެންނެވީ ނޫމަރާ ކައުންސިލްގެ ނައިބު ރައީސާއި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންނެވެ.

އަތޮޅު ކައުންސިލުގެ މޮނިޓަރިންގ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުނަކީ؛

  1. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަޒީމާ ޢަލީ
  2. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު ޢިނާޔާ
  3. ސީނިއަރ ކައުންސިލް އޮފިސަރ މުޙައްމަދު ވަޙީދު
  4. އެކައުންޓްސް އޮފިސަރ އަހްމަދު ހުމޫދު
  5. ކައުންސިލް އޮފިސަރ ސާލިމް ޢަބްދުﷲ

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގައި ރަގަނޅަށް ކޮށްފައިހުރި ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ނޫމަރާ ކައުންސިލްގެ ވެރިންނަށާއި އިދާރީ މުވައްޒަފުންނަށް ދެވިފައިވެއެވެ.