
ލޯކަލް ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ ކައުންސިލްތަކަށް ދޭ ”ކަންގަތި“ އެވޯޑް ގެ ކާންނާ ހަނދާނީ ފިލާ 2022 ވަނަ އަހަރު ލިބޭ ކައުންސިލަކަށް ނޫމަރާ ކައުންސިލް ހޮވިއްޖެއެވެ.
މި ހަނދާނީ ފިލާ ލިބެނީ ވޭތުވެ ދިޔަ އަހަރުގެ ޕާރފޮމަންސް އިންޑެކްސް އާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ޙާޞިލު ކޮށްފައިވާ އަތޮޅު އަދި ރަށު ކައުންސިލަކަށެވެ.
ލޯކަލް ކައުންސިލްތަކުގެ ޕާފޮމަންސްގައި ނޫމަރާ ކައުންސިލަށް 2021 ވަނަ އަހަރު ލިބިފައިވަނީ 123 ވަނައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ޕާފޮމަންސްގައި ނޫމަރާ ކައުންސިލަށް 2022 ވަނަ އަހަރު ލިބިފައިވަނީ 12 ވަނަ އެވެ. އެހެންކަމުން 2022 ވަނަ އަހަރު ނޫމަރާ ކައުންސިލުން ވަނީ 111 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.
ށ. އަތޮޅަކީ 14 ރަށް ހިމެނޭ އަތޮޅަކަށްވާއިރު ލޯކަލް ކައުންސިލްތަކުގެ ޕާފޮމަންސްގައި ނޫމަރާ ކައުންސިލަށް 2021 ވަނަ އަހަރު އަތޮޅުން ލިބިފައިވަނީ 13 ވަނައެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޮމަންސްގައި ނޫމަރާ ކައުންސިލަށް އަތޮޅުން ވަނީ 2 ވަނަ ލިބިފައެވެ.
ނޫމަރާ ކައުންސިލަށް މި ހަނދާނީ ފިލާ ލިބުމުން ކައުންސިލްގެ ރައީސް ޢަލީ ރަބީޢު ވިދާޅުވީ ”ކައުންސިލަށް ލިބިގެން މިދިޔަ ކާމިޔާބީގެ އެންމެ ބޮޑު ޙިއްޞާދާރުންނަކީ އިދާރާގެ މުވައްޒަފުންކަމުގައެވެ. ހަމއެއާއެކު އިދާރީ ވެރިޔާއިންފެށިގެން ކައުންސިލް އެސިސްޓެންޓުން، ކައުންސިލުގެ ތަރައްޤީގެ ޕްލޭނާ މަސައްކަތު ތާވަލު ތަންފީޒުކޮށްދެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި މިކަންކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލްގެ މެމްބަރުން ކުރެއްވި މަސައްކަތްތައް މިކާމިޔާބީގައި ޙިއްޞާ ކުރާކަމުގައި ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު 2022 ވަނަ އަހަރު ކައުންސިލްގެ މަސައްކަތްތަކުގައި ރަށުގެ ޖަމްޢިއްޔާތަކާއި ވުޒާރާތަކާއި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީވެސް މިކާމިޔާބީގައި ޙިއްޞާކުރާކަމުގައި ރައީސް ވިދާޅުވިއެވެ.