
ނޫމަރާ ކައުންސިލުގެ މުވައްޒަފުންނަށް އިތުރު ތަޖުރިބާ އާއި ތަމްރީން ހޯދުމަށްޓަކައި، 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަޖުރިބާ ދަތުރު ހދ. ކުރިނބީއަށް 24 ޑިސެންބަރު 2023 ވީ އާދީއްތަ ދުވަހު ކޮށްފިއެވެ. މިދަތުރުގައި ނޫމަރާ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ނޫމަރާ ކައުންސިލުގެ ޓީމު ހދ. ކުރިނބީއަށް ޒިޔާރަތްކުރުމުން ނޫމަރާ ޓީމަށް މަރުޙަބާ ދެންނެވީ ކުރިނބީ ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ސިޔާޙާއި ކައުންސިލްގެ މެމްބަރުން އަދި ކައުންސިލްގެ މުވައްޒަފުންނެވެ. ނޫމަރާ ކައުންސިލްގެ މިޒިޔާރަތުގައި ކުރިނބީ ކައުންސިލްގެ ފަރާތުން ވަރަށް ފުރިހަމަ މެހްމާންދާރީއެއް އަދާކޮށްދެއްވާފައިވެއެވެ.

ނޫމަރާ ކައުންސިލްގެ ތަޖުރިބާ ދަތުރު ހދ. ކުރިނބީއަށް ކުރުމަށްޓަކައި އެންމެ ބޮޑަށް ބެލިފައިވަނީ ލޯކަލް ކައުންސިލްސް ޕަރފޮމަންސް އިންޑެކްސް އަށެވެ. އެގޮތުން 2019، 2020 އަދި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕަރފޮމަންސް އިންޑެކްސް ގައި ހދ. ކުރިނބީ ކައުންސިލަކީ ހދ. އަތޮޅުގެ އެންމެ ނަތީޖާ ރަނގަޅު ކައުންސިލަށް ވުމަކީ ނޫމަރާ ކައުންސިލްގެ ތަޖުރިބާ ދަތުރު ކުރިނބީއަށް ކުރުމަށް ނިންމި މައިގަނޑު ސަބަބެވެ.

ނޫމަރާ ކައުންސިލްގެ ރައީސް ޢަލީ ރަބީޢު ވިދާޅުވި ގޮތުގައި މި ކުރެވުނު ދަތުރުގެ ސަބަބުން ނޫމަރާ ކައުންސިލްގެ އިދާރީ ހިންގުމަށާއި ކައުންސިލްގެ މުވައްޒަފުންނަށް އިދާރީ ގޮތުންނާއި މަސައްކަތްތައް ބައްޓަންކުރުމަށް އަދި މަސައްކަތްތައް ރާވައި ހިންގުމަށް ބޭނުންވާ ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދިޔައެވެ.

ރައީސް އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ދަތުރަކީ ވަރަށް ކާމިޔާބު އަދި ގިނަގުނަ ކަންކަން އެނގި ތަޖުރިބާ ކުރެވިގެން ދިޔަ ދަތުރެކެވެ. ހަމައެއާއެކު ދަތުރުގެ ސަބަބުން ކައުންސިލްގެ ހިނގުން އިތުރަށް ހަރުދަނާ ކުރެވިގެން ދާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކުރިނބީގެ ރައްޔިތުންނަކީ އެކުވެރި ހިތްހެޔޮ ބައެއްކަން ދަތުރުގެ ސަބަބުން އެނގިގެން ދިޔަކަން ރައީސް ފާހަގަކޮށް ކުރިނބީ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. ނޫމަރާ ކައުންސިލްގެ މިދަތުރުގައި ކުރިނބީ ކައުންސިލުން އަދާކޮށްފައިވާ ފުރިހަމަ މެޙްމާންދާރީއަށް ކުރިނބީ ކައުންސިލްގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ޝުކުރު އަދާކުރެއްވިއެވެ.