
ނޫމަރާ ހުކުރު މިސްކިތުގައި ޒަމާނީ ފެންވަރުގެ ފާޚާނާ ބަރިއެއް ހަދައި 26 ޑިސެންބަރު 2023 ވީ އަންގާރަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ. މި ފާޚާނާ ބަރިއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން 2023 ވަނައަހަރަށް މިސްތަކުގެ އާބާތުރަ ފިލުވުމަށް ދެއްވި ފައިސާއާއި ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރެވިފައިވާ ޢިމާރާތެކެވެ. މި ޢިމާރާތުގައި ދެ ފާޚާނާއާއި ގުދަނެއް ހިމެނެއެވެ.

މިސްކިތުގައި އަލަށް ފާޚާނާ ބަރިހެދިފައިވަނީ އެއް ފާޚާނާ ފެންވެރުމަށް ޚާއްޞަ ކުރެވިގެންނެވެ. ފާޚާނާ ބަރި ހެދިފައިވަނީ، މިސްކިތުގައި މިހާރު ވުޟޫ ކުރުމަށް ބޭނުންކުރަމުން އަންނަ ބައިން ފާޚާނާތަކަށް ވަދެވޭނެހެންނެވެ.

މިތަން ބޭނުންކުރަން ފެށިފައިވުމުން ނޫމަރާ ކައުންސިލްގެ ރައީސް ޢަލީ ރަބީޢު ވިދާޅުވީ ފެންވެރޭނޭގޮތަށް ފާޚާނާއެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ރަމަޟާން މަހުގެ ފަހުދިހައިގައި މިސްކިތުގައި އިޢުތިކާފުގައި ތިއްބަވާ ފަރާތްތަކަށް މިސްކިތުން ބޭރަށްނުގޮސް ފަސޭޙަކަމާއެކު ފެންވަރާ ތާހިރުވެވޭނޭގޮތް ކުރެވޭނޭގޮތް ހަމަޖެހިފައި މުޙިއްކަމެއް ކަމުގައި ވާތީއެވެ.

ކައުންސިލްގެ ރައީސް އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މިހާރު މިސްކިތުގައި ބޭނުންކުރާ ފާޚާނާއަކީ ދުވަސްވުމުގެ ސަބަބުން ބޭނުންކުރުމަށް އެކަށީގެންނުވާ ތަނަކަށް ވުމުން، އެތަންމާރާމާތު ކުރުމުގެ ބަދަލުގައި އައު ފާޚާނާ ބަރިއެއް ހެދުމުން އެކަމުގެ ފަޞޭޙަކަން މިސްކިތަށް ވަޑައިގަންނަވާ ފަރާތްތަކަށް ކުރާނެއެވެ. އަދި 2024 ވަނަ އަހަރު އައު ހިނަވާގެއެއް ބިނާކުރުމަށް ނިންމާފައިވާތީ، ހިނަވާގޭގެ މަސައްކަތް ނިމުމުން މިހާރު ހުރި ބައު ފާޚާނާއާއި ހިނަވާގެ ތަޅާލައި އެތަނުގައި ކަނބަލުންނަށް ޚާއްޞަކޮށްގެން، މިސްކިތާ ގުޅުވައިގެން ނަމާދުކުރާނޭ ބައެއް ހެދުމަށް ނިންމާފައިވުމަކީވެސް އައު ފާޚާނާ ބަރި ހެދުމުގެ އެއް މަޤުޞަދެވެ.